ފެލިދެ އަތޮޅު ތިނަދޫގެ ސްޓަޑީ

 

ތައާރަފް:


މިއީ ތިނަދޫގެ ލޭންޑް ޔޫސް ޕްލޭން ހެދުމުގައި ގެންގުޅޭނެ ވިސްނުމާއި ހިޔާރުކުރާނެ މަގުތައް ހޯދުމަށް އެއްކުރެވުނު މައުލޫމާތެވެ.

 

މައުލޫމާތު އެއްކުރެވުނު ގޮތް:
މައުލޫމާތު ހޯދީ ރަށު ކައުންސިލްގެ ފަރާތްތަކާއެކު ބައްދަލުވެ ދެކެވުނު ވާހަކައިން ހާމަވި ކަންކަމަށްބަލާ، ކަމާގުޅުންހުރި ބައެއް މީހުންނާ ދެކުނު ވާހަކައާއި، ރަށުތެރޭގެ ހުރިހާ ހިސާބަކުން ފެނުނު މަންޒަރުތަކަށް ބަލައިގެންނެވެ.

އެއްކުރެވުނު މައުލޫމާތު ބެހިފައިވާ ގޮތް:
ކުރީގެ ހަނދާނާއި ތާރީހީވާހަކަ (އެއްކުރެވުނު ފޮޓޯ)
ރަށުގެ ދިރިއުޅުން
އިގްތިސާދީ މަސައްކަތްތައް
އިޖުތިމާއީ ކަންކަމާއި ވަސީލަތްތައް
ތިމާވެއްޓާއި ތަރިކަ
ދައުލަތުގެ ބަންޑާރަބިން
ތިނަދޫ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތަށް މުހިއްމު ނުކުތާތައް

 

ފެލިދެ އަތޮޅު:

ފެލިދެ އަތޮޅު ތިނަދޫގެ ބޮޑުމިނަކީ 12.7 ހެކްޓަރއެވެ.
ފެލިދެ އަތޮޅަކީ ކަނޑާއި ފަރުގެ މުއްސަދިކަންބޮޑު، ރަށްތައް މަދު އަތޮޅެކެވެ. ޖުމްލަ 21 ރަށް ވާ މިއަތޮޅުގައި ދިރިއުޅޭ ދެހާހަކަށް މީހުން އުޅެނީ އެންމެ 5 ރަށުގައެވެ. އަދި މިހާރަށް ބަލާއިރު ޖުމްލަ 7 ވަރަކަށް ރިސޯޓު މިއަހަރުގެ ނިޔަލަށް މި އަތޮޅުގައި ވާނެކަމަށް ބެލެވެއެވެ. ރާއްޖޭގެ އެންމެ އިރުމައްޗަށްވާ ރަށްކަމުގައިވާ ފޮއްތެޔޮ ބޮޑުފުށި އޮންނަނީ ވ. އަތޮޅުގައެވެ. އަދި މިހާރު މ. އަތޮޅުގައި ހިމެނޭ ދިއްގަރު އަދި މަޑުއްވަރީ އަކީ 1959 އާ ހަމައަށް ވ. އަތޮޅުގެ ރަށްތަކެއްކަމަށް އޮތީ ބެލެވިފައެވެ.


ވ. އަތޮޅުގެ ފަރުތަކުގެ ސަރަހައްދަކީ މުޅި އަތޮޅުގެ ސަރަހައްދުގެ 23 އިން ސައްތައެވެ. މިއީ ރާއްޖޭގެ ކަނޑުގެ މުއްސަނދިކަމުގެ ނިސްބަތުންވެސް ފާހަގަކޮށްލެވޭ، މަސްވެރިކަމަށް ތިޔާގި، މިހާރު ފަތުރުވެރިކަމުގެ ވިޔަފާރިއަށް މަގުބޫލު ފަރުތަކެކެވެ.

 

ތިނަދޫ:

ވ. އަތޮޅު ތިނަދޫއަކީ ފެލިދެ އަތޮޅުގެ އާބާދީ އެންމެ ކުޑަ ނަމަވެސް ބިމާއި ފަރުގެގޮތުން ތަނަވަސް ރަށެކެވެ. މިހާރު ތިނަދޫގައި ރެޖިސްޓްރީ ކުރެވިފައިވަނީ 209 މީހުންނެވެ. އޭގެ ތެރެއިން ރަށުގައި މިވަގުތު އުޅެނީ 52 މީހުންނެވެ. ދެން ތިިބި 157 ތިނަދޫގެ ރައްޔިތުން އުޅެނީ މާލެ ސަރަހައްދުގައާއި، އެހެން ރަށްރަށުގައާއި ރާއްޖެއިން ބޭރުގައެވެ. މީގެ އިތުރުން ފަތުރުވެރިކަމާއި އެހެނިހެން މަސައްކަތްތަކުގައި އުޅޭ 140 އަކަށް މީހުން މިވަގުތު ތިނަދޫގައި ދިރިއުޅެއެވެ.

 

ކުރީގެ ހަނދާނާއި ތާރީހީ ވާހަކަ:

“މަސް ތިނަދޫ”

 


ތިނަދޫ އަކީ ލަފާފުރަން ފަސޭހަ، މަސްވެރިކަމަށް ފަސޭހަ ރަށެއްކަމުން، އިރުވައި މޫސުމުގައި އެކި އަތޮޅުތަކުން މީހުން އައިސް 1 މަސް 2 މަސްވާންދޭން ބަނޑަހަޖަހައިގެން ތިބޭކަމާއި، އިހުޒަމާނުގައި ތިނަދޫގައި އޮތް ބޭރުދަތުރުކުރާ ހަތް އޮޑީގެ ވާހަކައަކީ އެރަށު ދުވަސްމީހުންގެ ހަނދާނުން ކިޔައިދޭ ވާހަކައެކެވެ. މިގޮތުން އެރަށަށް” މަސް ތިނަދޫ” ކިޔައިއުޅުނުމަކަށްވެއެވެ. އަދި އެކި ސަބަބުތަކާހުރެ އިހުގައި އޮތް ތިޔާގި އާބާދީ މަދުވަމުން ގޮސްފައިވާކަމަށް ކިޔައިދެއެވެ. އެގޮތުން “ހަތްފުރެދެއޮޑިން” ފުރައިގެންދިޔަ އެތައް ބައެއް ވީނުވީއެއް ނޭނގި ގެއްލުނުކަމާއި، ދިމާވި އެކި ބަލިމަޑުކަމުގެ ސަބަބުން އާބާދީ މަދުވެގެން ދިޔަކަމަށް ކިޔައިދެއެވެ. މިގޮތުން ކުރީގައި ރަށުގެ ‘މެދުއަވަށު’ގައި މީހުން އުޅުނު ކަމާއި، އިހުހުރި ގަބުރުސްތާނު ބިމުގައި ހުސް އަންހެނުންގެ މަހާނަ ހުރިކަމާއި، އެކި ހިސާބުގައިހުރި ޒިޔާރާތްތަކުގެ ނިޝާންތައް މިހާރު އެރަށުގެ ވަލަށްއޮންނަ ހިސާބާއި ތުނޑީކޮޅުކައިރީގައި ހުރިކަމަށް ވެއެވެ.


70 ގެ އަހަރުތަކުގައި ރާއްޖެއަށް ޓޫރިޒަމް އައުމުން 1975 ގައި ވ. އަތޮޅުގައި ހުޅުވި އަލިމަތާ ރިސޯޓާއެކު ތިނަދޫގެ މަސްވެރިން އެމަސައްކަތް ދޫކޮށް ރިސޯޓް ވަޒީފާއަށް ބަދަލުވިއެެވެ. އަދި 2009 އިން ފެށިގެން ގެސްޓްހައުސް ހުއްދަވުމާއެކު ކާސާ ބަރާބަރު ގެސްޓްހައުސް ހުޅުވި، އެއަށްފަހު ހުދު ރާކަނި ގެސްޓްހައުސް އަދި ޕްލުމޭރިއާ ބުޓިކް ހޮޓެލް ހުޅުވުމާއެކު މިހާރު ތިނަދޫގައި މައިގަނޑުގޮތެއްގައި ކުރާ އިގްތިސާދީ މަސައްކަތަކީ ގެސްޓްހައުސްވިޔަފާރިއާއި އެއާގުޅުންހުރި ވިޔަފާރިތައްކަމަށް ވަނީ ބަދަލުވެފައެވެ.

 

1971 ޗަކް ބޯޔާގެ ފެލިދެއަތޮޅު ފޮޓޯ ކަލެކްޝަން
1971 ޗަކް ބޯޔާގެ ފެލިދެއަތޮޅު ފޮޓޯ ކަލެކްޝަން

 

            

ނޯޓް: ތިނަދޫ ކައުންސިލުން ލޭންޑް ޔޫސް ޕްލޭން ހެދުމަށް ބޭނުންވާ މައިގަނޑު އެއް ސަބަބަކީ ވޭތުވެދިޔަ 10 ވަރަކަށް އަހަރު އެރަށުން ރަށުގެ ރައްޔިތުންނަށް ގޯތި ދޫކުރެވޭނެ ގޮތެއް ސަރުކާރުގެ ފަރާތުން ހަމަޖައްސަވާފައި ނުވާތީ، ވިހާވެސް އަވަހަށް ގޯތިދޫކުރެވޭނޭހެން ޕްލޭން ހެދުމެވެ. އެރަށުގެ 71 ފަރާތަކުން ރަށުން ގޯއްޗަށް އެދި ސިޓީ ފޮނުއްވާފައިވާކަން ކައުންސިލުން ބުނެއެވެ.

ނޯޓް: މިޕޯސްޓުގައިވާ ކަޅާހުދުގެ ފޮޓޯތަކަކީ 1971 ގައި ދިވެހިރާއްޖޭގެ ފެލިދެއަތޮޅުގެ ޕޮޓޯތަކެއް ނަގާފައިވާ ފޮޓޯގްރާފަރު ޗަކް ބޯޔަރ ޓްވިޓަރގައި ޕޯސްޓްކޮށްފައިވާ ފޮޓޯތަކެކެވެ.